ދިވެހި ޙާޖީންނަށް މިނާ އަދި އަރަފާތުން ލިބޭ ޚިދުމަތް "ސީ" ކެޓަގަރީން "ބީ" ކެޓަގަރީއަށް
ދިވެހި ޙާޖީންނަށް މިނާ އަދި އަރަފާތުން ކުރިން ލިބެމުން ދިޔަ ޚިދުމަތްތައް "ސީ" ކެޓަގަރީން "ބީ" ކެޓަގަރީއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ފާއިތުވި އަހަރުތަކުގައި ދިވެހި ޙާޖީން މިނާ އަދި އަރަފާތުގައި އުފުލަމުން ދިޔަ އުނދަގޫ، ދަތިތަކުން، "ސީ" ކެޓަގަރީގެ ޚިދުމަތްތަކުން "ބީ" ކެޓަގަރީގެ ލުއިފަސޭހަ ޚިދުމަތްތައް ލިބިގެންދާނެ ކަމަށާއި މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚްގައި ދިވެހި ޙައްޖާޖީންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ދިން އަހަރުކަން ޙައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެވުނީ މިހާރު ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025ގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. އަދި ރަވާފް މިނާގެ ފަރާތުން ސޮއިކުރީ ޗީފް އެގްޒެކެޓިވް އޮފިސަރ ޒުހައިރު ޢަބްދުލް ޙަމީދު ސަދާޔޯކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ދިވެހި ޙައްޖާޖީން ފާއިތުވި އަހަރުތަކުގައި މިނާގެ ފޭލިގެތަކާއި ފާޚާނާތައް ބޭނުންކުރަން ޖެހެނީ އެހެން ޤައުމުތަކުގެ ޙައްޖާޖީންނާ އެކުގައެވެ. އަދި ކެއުމުގެ އިންތިޒާމްތަކާއި ނިދުމުގެ އިންތިޒާމްތައް ވެސް ހުންނަނީ ވަރަށް ދަތި، އުނދަގޫ ގޮތެއްގައެވެ.
