މުޅި ރާއްޖޭގެ ސިއްހީ ހާލަތު ބަލަން ދިރާސާއެއް ކުރަނީ
މުޅި ރާއްޖޭގެ ސިއްހީ ހާލަތު ބަލަން ދިރާސާއެއް ކުރަން ހެލްތު މިނިސްޓްރީން ޔުނިސެފްއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ ހާއްސަ މަންދޫބު ޑރ. އެޑްވަޑް އަޑާއީއެވެ.
"މަލްޓިޕަލް އިންޑިކޭޓާ ސާވޭ"ގެ ނަމުގައި ކުރިއަށް ގެންދާ އެ ސާވޭ ކުރިއަށް ގެންދާނީ އަންނަ އަހަރާއި 2027ވަނަ އަހަރު ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ ސާވޭގެ ދަށުން ދިވެހީންގެ ސިއްހަތާއި ދުޅަހެޔޮ ކާނާ ބޭނުންކުރާ މިންވަރު ފަދަ ކަންކަމާ ގުޅޭ ޑޭޓާ ނަގައި ދިވެހީންގެ ސިއްހަތު ރަނގަޅުކުރުމަށް ޕޮލިސީތައް އެކުލެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަހަކަށް އައިސް ރާއްޖޭގެ ސިއްހީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ހަކުރު ބައްޔާއި ސްޓްރޯކާއި ކެންސަރު ފަދަ ދާއިމީ ބަލިތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އޭގެ އިތުރުން ނަފްސާނީ ބަލިތައް ވެސް އިންތިހާއަށް އިތުރުވެ އޯޓިޒަމް ވެސް އިންތިހާއަށް ރާއްޖޭގައި ވަނީ އިތުރުވެފައެވެ.
