ގެސްޓްހައުސް ހުރި 70 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓަނީ
ގެސްޓްހައުސް ހިންގާ 70 ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމައިފި އެވެ.
ރޭ އޮތް ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 150 އެނދަށްވުރެ ގިނަ އެނދު ހުރި ރަށްރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.
މި ބަދަލާއެކު 2000 އަށްވުރެ ބޮޑެތި އާބާދީތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓިގެން ދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ސަރުކާރާއި ބެންކް އޮފް މޯލްޑިވްސް އިން ވަނީ މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ފަށައިފަ އެވެ. މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި، ނުވަ މަސް ދުވަހުގެ ތެރޭގައި ވަނީ އޭޓީއެމް ބަހައްޓައި ނިންމާފަ އެވެ.
މި އޭޓިއެމްތައް ހުޅުއްވައިދެއްވީ ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެވެ. މި ދަތުރުފުޅުތަކުގެ ތެރެއިން، ޓޫރިޒަމް ފުޅާވަމުން އަންނަ ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ވެސް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވާފަ އެވެ.

