މުލިއާގެ ގަރާޖު ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވައިފި
މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް މިއަދު ހުޅުވައިފި އެވެ.
"ޒުވާނުންގެ ތާޑް ސްޕޭސް" ނަމުގައި ހުޅުވި އެ މަރުކަޒު މިއަދު ހަވީރު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިއީ ޒުވާނުން ބާރުވެރިކޮށް ހުނަރުވެރިކުރުވައި މުޖުތަމައުގެ އެކި ފަރާތްތަކާއެކު އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރި މަރުކަޒެެކެވެ.
ރައީސް އޮފީހުން ބުނީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުސަތުތަކެއް ޒުވާނުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.
އެގޮތުން ކުރެހުންތެރިންނަށް ހާއްސަ ސަރަހައްދަކާއި، މިއުޒިކް ރެކޯޑިންގްއަށް ހާއްސަ ސަރަޙައްދެއްގެ އިތުރުން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ "ހެޕިނަސް ލައުންޖު"ގެ ހިދުމަތްތައް އެ ތަނުން ލިބެން ހުންނާނެ އެވެ.
"ޒުވާނުންގެ ވެހި" ފަރުމާކޮށްފައި ވަނީ ކަންކަން އުނގެނި އެކި ކަހަލަ ހުނަރުތައް ދަސްކޮށްދީ އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.
އޭގެ އިތުރުން، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވާޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުތައް ވެސް އެ ތަނުން ފަހިވެގެންދާނެ އެވެ.
އެ މަރުކަޒު ގާއިމުކުރި ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަހައްދަކަށްވާއިރު، އިތުރު ހަރަދަކާ ނުލައި، ސްޓޫޑަންޓް އައިޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން، ކިޔަވާ ކުދިންނަށްވެސް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފަ އެވެ.
