ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފި
ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަންއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަނުގައި އިއްޔެ ހުޅުމާލޭގައި ހިންގަމުންދިޔަ ތިން ކެފޭއެއް ބަލައި ފާސްކުރިކަމަށެވެ.
އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ވެސް މިހާރު ވަނީ ފަށާފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް" އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންކަން ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަންއިން ވަނީ ބުނެފަ އެވެ. އަދި އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބުނެފައެވެ.
