ޚަބަރު

އިސްތިއުފާ ދެއްވި ފަނޑިޔާރު ފައިސަލްގެ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) / ފޮޓޯ:އަވަސް

ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ފަނޑިޔާރު މުހައްމަދު ފައިސަލްގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ބަލަން ފަށައިފިއެވެ.

Ads by STELCO

ހަތް އަހަރު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވުމަށް ފަހު ފައިސަލް އިސްތިއުފާ ދެއްވީ މިއަދުއެވެ. ފައިސަލް އިސްތިއުފާ ދެއްވިއިރު އޭނާއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އޭސީސީގެ އޮފިޝަލަކު "ދެން"އަށް މިއަދު ވިދާޅުވީ ފައިސަލްގެ މައްސަލައެއް އެ ކޮމިޝަނުން ވެސް މިހާރު ބަލަން ފަށައިފައިވާ ކަމަށެވެ. އެއީ މަނީ ލޯންޑަރިންއާއި ކޮރަޕްޝަންގެ މައްސަލައެއް ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ފައިސަލްގެ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާ އިރު ހައިކޯޓުގެ އިތުރު ހަތަރު ފަނޑިޔާރެއްގެ މައްސަަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެން ހައިކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާއާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!