ޚަބަރު

ފަލަސްތީނަށާއި އުރުދުންއަށް ކަނޑައަޅާ ސަފީރުން އައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް

ނުޙާ އަޙްމަދު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ:މަޖިލިސް

ރާއްޖެއިން ފަލަސްތީނަށާއި އުރުދުންއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް 2 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފައިވާ މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

Ads by STELCO

ގައުމުތަކަށް ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ނުވަތަ ކަނޑައަޅުއްވާ ސަފީރުން ޢައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުރުދުންއަށް ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަންކުރެއްވުމަށް ފޮނުއްވާފައި ވަނީ ޑރ. ހާލާ ހަމީދުގެ ނަންފުޅެވެ. ޑރ. ހާލާއަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި މިހާރު ވެސް އެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހާލާ މިހާރު ހުންނެވީ ޚާރިޖީ ވުޒާރާގެ ބައިލެޓްރަލް ސެކްރެޓަރީގެ މަގާމުގައެވެ.

ފަލަސްޠީނަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރަކަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވަނީ ޑރ. އިބްރާހީމް ޒުހުރީގެ ނަންފުޅެވެ. ޑރ. އިބްރާހީމް ޒުހުރީއަކީ ވެސް ހާރިޖީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. އަދި މިހާރު ހުންނެވީ ހާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ.

ގައުމުތަކަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވަނީ އެކި ގައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުންގެ އިތުރުން އެކި މިޝަންތަކާއި ހާރިޖީ ވުޒާރާގައި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނެވެ. މިއީ ރާއްޖޭން އެމްބަސީތަކާއި ހައިކޮމިޝަންތައް ގާއިމުކޮށްފައިނުވާ ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކަނޑައަޅުއްވާ ސަފީރުންނެވެ. އެގޮތުން މިހާތަނަށް 27 ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން މި ސަރުކާރުން ވަނީ ޢައްޔަންކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!