ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް މަހުލޫފު އައްޔަންކުރަން މަޖިލީހަށް
ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް، ދާދި ފަހުން ޕީއެންސީއާ ގުޅިވަޑައިގަތް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މިދިޔަ އެމްޑީޕީ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި މަހުލޫފު ޕީއެންސީއާ ގުޅިވަޑައިގަތީ ރައްޔިތުންގެ ތާއީދު އޮތްކަން ދައްކައިލަން މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހުލޫފު އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ވަނީ އިއްވައިފައެވެ. އެއަށް ފަހު ރިޔާސަތުން ވަނީ އެކަން ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވައިފައެވެ.
އެމްޑީޕީގެ ލީޑާޝިޕްގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައެވެ. ޕާޓީން ވަކިވި ސަބަބު އޭރު ހާމަ ނުކުރިޔަސް، ޕީއެންސީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތައް އޮތީ އަރައިފައެވެ.
ވެރިކަން ބަދަލުވި ހިސާބުން ފެށިގެން މަހުލޫފު ހުންނެވީ ވެސް ސިޔާސީ ކަންކަމާ ދުރުގައެވެ.

