ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭއަށް ބަދަލުކޮށްފި
ހުޅުމާލެ ބާ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު އިތުރު ފަރުވާއަށް އޭޑީކޭއަށް ބަދަލުކޮށްފިއެވެ.
ސްޓެލްކޯގެ މުވައްޒަފު ފިހުނީ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާގައި އޭނާ ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
ސްޓެލްކޯއިން ބުނީ ހާދިސާ ހިނގުމާ އެކު ވަގުތުން ފަރުވާގެ އިންތިޒާމް ހަމަޖައްސައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަަމަށާއި ނަމަވެސް މިހާރު އޭޑީކޭއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. އަދި އޭނާގެ ހާލު ގާތުން ބަލައި އާއިލާއާ ގުޅިގެން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އެ ހާދިސާގައި މުވައްޒަފުގެ ގައިގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް އެއްބާރުލުން ދެމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ހަމަ އެހެންމެ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަށައިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މުވައްޒަފު ކަރަންޓުގައި ޖެހުމުން އޭނާ ސަލާމަތްކުރަން ކަރަންޓު ކަނޑައިލުމުން ކުޑަ ވަގުތުކޮޅަކަށް ހުޅުމާލެއިން މިއަދު ކަރަންޓު ވެސް ކެނޑުނެވެ.

