އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް
ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް2025)ގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް މިއަދު ފުރައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ފްލީޓް ރިވިއުއަކީ ލަންކާ ނޭވީއަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ.
އެ ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށް ދާނީ ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯއާއި ޓްރިންކޮމަލީގައެވެ. އެ ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމެއްގެ ނޭވީން ބައިވެރިވާ އިރު، އޭގެ ތެރޭގައި ރާއްޖޭޣެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، އިޓަލީ، ރަޝިއާ ފަދަ ގައުުމުތަކުގެ ކަނޑުގެ އުޅަނދުތަކާއި ވަފުދުތައް ހިމެނެއެވެ.
އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް، ނޮވެންބަރު 27އިން ފެށިގެން 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އެ ހަރަކާތްތަކުގެ ތެރޭގައި އޮޕަރޭޝަނަލް ޑެމޮންސްޓްރޭޝަންތަކާއި، ގައުމުތަކުގެ ސަގާފީ ހަރަކާތްތަކާއި އަދި ޕްރޮފެޝަނަލް އިންޓަރެކްޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އޭގެތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކާއި، ސަގާފީ އަދި އަސްކަރީ ބޭންޑުތަކުގެ ހުށަހެޅުންތަކާއި، ފުޑް ގާލާގެ އިތުރުން ސިޓީ ޕެރޭޑް އަދި ޝިޕްތަކަށް ޒިޔާރަތްކުރުން ފަދަ ހަރަކާތްތައް ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ފްލީޓް ރިވިއުގައި ކޮލޮމްބޯއިން ޓްރިންކޮމޮލީއަށް ޝިޕްތަކުން ފަށާ ދަތުރު، ރިވިއުކޮށްދެއްވާނީ ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.
މިއީ ސްރީލަންކާއިން ބާއްވާ ތިންވަނަ އިންޓަރނޭޝަނަލް ފްލީޓް ރިވިއުއެވެ.
