ޚަބަރު

ހއ. ދިއްދޫއާއި ރ. ދުވާފަރުގެ ސިއްހީ ހިދުމަތްތައް ފުޅާކުރަން ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދެ ރަށެއްގެ ސިއްހީ މަރުކަޒުގައި ހިދުމަތްތައް ފުޅާކުރަން އިތުރު އިމާރާތް އަޅަން ބަޔަކާ މިއަދު ހަވާލުކޮށްފިއެެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ. އެގޮތުން ރ. ދުވާފަރުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލު ފެންވަރަށް އަޕްގްރޭޑްކުރަން އިތުރު އިމާރާތެއް އަޅަން ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހުސެއިން ތަސްމީންއެވެ.

ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެ މަޝްރޫއު ހަވާލުކުރީ 25.5 މިލިއަން ރުފިޔާއެވެ.

އެ މަޝްރޫއުގެ ދަށުން އޮޕަރޭޝަން ތިއޭޓަރަކާއި ކޮމްޕްލެކްސްއަކާއި އައިސީޔޫ، ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯ ރޫމްސް ގާއިމުކުރާނެއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ހިދުމަތް ދިނުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމްއެވެ. އަދި ޕާފެކްޓް މަލަފެހިގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު މުހައްމަދު އިމާދުއެވެ.

ހަ މަސް ދުވަހުން އެ މަޝްރޫއު ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 4.9 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ސީޓީ ރޫމް، އެކްސްރޭ ރޫމް އަދި އަލްޓްރާސައުންޑް ސްކޭން ރޫމް އަދި ސްޕީޗް ތެރަޕީ ރޫމް ގާއިމުކުރާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!