ކުރީގެ ރައީސުންނަށް ދޭ ބައެއް އިނާޔަތްތައް އުނިކޮށް، ކުރީގެ ނައިބުންނަށް އިނާޔަތެއް ދެނީ
ކުރީގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު ދޭ އިނާޔާތްތަކުގެ ތެރެއިން، އޮފީސް ހިންގުމުގެ ހަރަދު އުނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް މާލީ އިނާޔާތެއް ދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތްތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އެ ގާނޫނަށް އޭނާ ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އޮފީސް ހިންގަން މަހަކު ދޭ 175،000ރ. އުނިކުރުމަށެވެ.
އަދި ކުރީގެ ރައީސުން ރާއްޖޭން ބޭރުގައި ދިރިއުޅުއް ވާނަމަ، އެ ބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭން ނުޖެހޭނެ ކަމަށާއި، ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، މަހަކު ދޭ 50،000ރ.ގެ މާލީ އިނާޔަތް ވެސް ދޭން ނުޖެހޭނެ ކަމަށް އެ ބިލުގައި ވެއެވެ.
ބިލުގައި އިތުރަށް ވަނީ ނައިބް ރައީސްކަން ކުރިން ކުރެއްވި ބޭފުޅުންނަށް ކޮންމެ މަހަކު 25،000ރ. ދިނުމަށް ހިމަނައިފައެވެ. އަދި، އެ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.
ޝާހިދު ވިދާޅުވެފައި ވަނީ މި ބަދަލާ އެކު އަހަރަކު 10.5 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ވާނެ ކަމަށެވެ.
