ޚަބަރު

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންނަނީ/ ފޮޓޯ: އިމިގްރޭޝަން

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަން ސަރުކާރުން ނިންމައިފިއެވެ.

ގަވައިދާ ހިލާފަށް ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިތައް ހުއްޓުވަން މިހާރު ވެސް ގަވައިދުން ދަނީ އިމިގްރޭޝަންއިން ރެއިޑްތައް ހިންގަމުންނެެވެ. އަދި އެ ރެއިޑްތަކުން އަތުލައިގަންނަ ބިދޭސީން ދަނީ ޑީޕޯޓް ވެސް ކުރަމުންނެވެ.

އަދި 1979ގައި ހަދާފައި އޮތް ފޮރިންއިންވެސްޓްމަންޓް ގާނޫނު، 46އަހަރަށްފަހު ނިމުމަކަށް ގެނެސް، މި ޒަމާނަށް ފެތޭ، އަދި މާޒީގައި ކުރެވިފައިވާ އެކި ތަޖުރިބާތަކުގެ އަލީގައި އޭރުއްސުރެ ކުރިމަތިވަމުން އައި މައްސަލަތައް ހައްލުކުރެވޭނެ ހަރުދަނާ ގާނޫނެއް މުޅީން އަލަށް އެކުލަވާލައި، ފާސްކޮށް، ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާ އިރު ބިދޭސީން ރާއްޖޭގައި 34 ދާއިރާއެއްގެ ވިޔަފާރިތައް ހިންގުން ވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ އެކްސްގައި ވިދާޅުވީ އެ ފިޔަވަޅުތަކަކީ ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާ އެކު ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ފަހިކުރި ފުރުސަތެއް ކަމަށެވެ. އަދި އަންނަ ހަފުތާއިން ފެށިގެން އެ މަސައްކަތްތައް ހަލުވިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ތަން ފެންނާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިކަމުގައި ތަންފީޒީ އިދާރާތަކާއި، ވަކީން ޚާއްސަކޮށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައި." މިނިސްޓަރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!