ޚަބަރު

ވަރަށް ރޮއިފިން، ގިސްލަ ގިސްލާފައި ރޮއިފިން؛ ލިލީގެ ހުކުރު ދުވަހުގެ މެންދުރު ޝޯ ވިއްކަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިހާރު އޮލިމްޕަހުގައި ދައްކަމުންދާ އަސަރުގަދަ ފިލްމު “ލިލީ” ގެ ވަދާއީ ޝޯވތައް އޮލިމްޕަސް ސިނަމާގައި ފަށައިފި އެވެ.

މިހާރު ވިއްކަމުން ދަނީ ހަފްތާ ބަންދުގެ ޝޯތަކުގެ އިތުރުން އާދިއްތަ ދުވަހުގެރޭ ބާއްވާ ފަހު ޝޯވގެ ޓިކެޓެވެ. ޓިކެޓު ވިއްކަނީ އޮލިމްޕަސް ޓިކެޓު ކައުންޓަރުގެ އިތުރުން 7505079 ވައިބާ މެދުވެރިކޮށެވެ. މީގެ އިތުރުން ފިލްމުގެ ރަސްމީ ވެބްސައިޓު www.book.lilythemovie.com އިންވެސް ޓިކެޓު ގަނެވޭނެ އެވެ.

މި ފިލްމު ބަލާފައި ނިކުން މީހުންގެ ޝޫއޫރުތަކަށް ބަލާއިރު ފިލްމުގެ އަސަރުގަދަ ކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. އަދި ރާއްޖޭގައި އެއްވެސް މީހަކު ނުދައްކާ ބޮޑު ސިއްރު މިފަދައިން ފިލްމެއްގެ ޒަރިއްޔާއިން ގެނަސްދިނުމުގެ މުހިންމުކަން ބެލުންތެރިން ފާހަގަކުރެ އެވެ.

“ވަރަށް ރޮއިފިން، ގިސްލަ ގިސްލާފައި ރޮއިފިން” ބެލުންތެރިޔަކު ޝުއޫރު ފާޅު ކުރި އެވެ.
ފިލްމީ ތަރި މަރިޔަމް ނިޝާވެސް ވަނީ ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އެގޮތުން އޭނާ ބުނީފިލްމުގެ ލީޑު އެކްޓަރު އައިޝާ އަލީގެ ބޮޑު ރޯލެއް ފެނުނު މިއީ ފުރަތަމަ ފަހަރަށް ވެފައި އޭނާގެ ހުނަރު ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ފިލްމުގެ ވާހަކަ ގެނަސްދީފައިވާ ގޮތް މޮޅުކަންވެސް ނިޝާ ފާހަގަކޮށްފައި ވެއެވެ.

ގިނަ ބަޔަކަށް ކަމުދިޔަ “ލިލީ” ގެ މިހާތަނަށް ދެއްކި 8 ޝޯވވެސް ވަނީ ހައުސްފުލް ވެފަ އެވެ. މީގެ އިތުރުން މިރޭވެސް ހައުސްފުލް ދެ ޝޯވއެއް މި ފިލްމުގެ ދައްކާނެ އެވެ. މާދަމާ އޮންނަ ތިން ޝޯވގެ ތެރެއިން އެއް ޝޯވ މުޅިން ހައުސްފުލް ވެފައިވާއިރު އަނެއް ދެ ޝޯވގެ ބޮޑު ބައެއްވެސް މިހާރު ވަނީ ވިކިފަ އެވެ.

ހަގީގީ ހާދިސާތަކެއްގެ ތެރެއަށް ހިޔާލީ ކަންކަން އިތުރުކޮށްގެން ގެނަސްދީފައިވާ “ލިލީ” ގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާގެ އިތުރުން އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާ ހިމެނެ އެވެ. މިއީ މުހައްމަދު އަރީހް ޕްރޮޑިއުސްކޮށް އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ.

Ads by Ooredoo