ޚަބަރު

ލަންކާއަށް އެހީވާން މީޑިއާތައް ގުޅިގެން ޓެލެތޯނެއް ފަށައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ލަންކާއަށް އެހީވުމަށް ފެށި ޓެލެތޯން -- ފޮޓޯ: ޕީއެސްއެމް

ސްރީލަންކާއަށް އެރި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އަރައިގަތުމަށް ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯން ފަށައިފިއެވެ.

މިއީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރާއްޖޭގެ ބައެއް އެހެން މީޑިއާތަކާ ގުޅިގެން މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯންއެކެވެ. މި ޓެލެތޯން މިރޭ މެންދަމު 1:00އާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

މި ޓެލެތޯންގައި ޖުމުލަ 37 މީޑިއާއެއް ބައިވެރިވެއެވެ.

މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ދިވެހިންނަށް ވަނީ ހުޅުވައިލައިފައެވެ. އަދި ޖަމްއިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި އޮފީސްތައް ފަދަ ތަންތަނަށް ވެސް ވަނީ އެ ފުރުޞަތު ހުޅުވައިލައިފައެވެ.

މި ޓެލެތޯންގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ވަނީ ބަހައްޓައިފައެވެ. އަދި، ޓްރާންސްފާ ކުރުމަށް ހާއްސަ އެކައުންޓެއް ވެސް ވަނީ ހުޅުވައިފައެވެ. އެގޮތުން، ދިވެހި ރުފިޔާ 7730000796107 އެކައުންޓަށް، އަދި ޑޮލަރު ޖަމާކުރާނީ 7730000796106 އަށެވެ.

ޕީއެސްއެމްއިން ބުނީ މި މަސައްކަތް ކުރަނީ މިނިވަން އޮޑިޓް ފާމެއްގެ ބެލުމުގެ ދަށުން، ދެފުށް ފެންނަ ގޮތަށް ކަމަށެވެ. މި ޓެލެތޯންގެ އޮޑިޓް ފާމްގެ ގޮތުގައި މަސައްކަތް ކުރަނީ ކްރޯ މޯލްޑިވްސްއެވެ.

ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާ ކުރަން ނިންމައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!