ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައެއްގައި ދެ މީހަކަށް ދައުވާ އުފުލައިފި
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ދައުވާކުރީ ފެނަކައިގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ ގޮތުގައި ކުރިން ހުންނެވި ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން، މަރްޔަމް ދީނާ ސޯލިހުއާއި އަދި ކުރިން ފެނަކައިގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕަރޓްމަންޓްގެ ހެޑުގެ ގޮތުގައި މަސައްކަތް ކުރެއްވި މ. ފެހިވިދުވަރުގެ، އިސްމާއިލް ޝަމްއޫންގެ މައްޗަށް ކަމަށެވެ.
ދައުވާގައި ބުނެފައިވާގޮތުން އެ ދެ މީހުން ވެސް ވަނީ ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި، އަދި ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ކެއިރެޓްސޫ ކުންފުނިން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައެވެ.
އެހެންވެ އެ ދެ މީހުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ޕީޖީން ބުންޏެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.


ސަރުކާރުން ކުރިމިނަލް ދަޢުވާ އެއް ކޯޓުގައި ހިންގާއިރު ސަރުކާރު ވަޒީފާގައި ތިބެވޭ ގޮތަކީ ކޮބާ؟