ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 117 މީހަކާ އެކު ވާނުވާ ބަންދުގައި ތިބި މީހުންގެ އަދަދު 347އަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާފުށި ޖަލު - ފޮޓޯ: ދަ ޕްރެސް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ވާނުވާ ބަންދުގައި މި ވަގުތު 347 މީހަކު އެބަތިބި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

މާފަންނުގެ ރައްޔިތުންނާ ރައީސް މިރޭ ބައްދަލުކުރެއްވި އިރު ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލައިގެ ޝަކުވާ ވަރަށް ބޮޑަށް ރައްޔިތުންކުރިއެވެ.

އެ ޝަކުވާތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ ވާނުވާ ބަންދުގައި ތިބި މީހުންގެ ތަފާސް ހިސާބު ދެއްވައިފައެވެ.

ރައީސް ވިދާޅުވީ މި ވަގުތު ޝަރީއަތް ނިމެންދެން ވާނުވާގެ ބަންދުގައި 347 މީހަކު އެބަތިބި ކަމަށެވެ.

އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ބައެއް ކަމަށާއި އެފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީހުން މެރުމުގެ މައްސަލަތަކުގައި 29 މީހަކު ބަންދުކޮށްފައި ތިބި އިރު ޓެރަރިޒަމްގެ މައްސަލަތަކުގައި ވެސް 20 މީހަކު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 117 މީހަކު ބަންދުގައި އެބަތިބި ކަމަށެވެ.

އޭގެ އިތުރުން މާރާމާރީ ހިންގުމުގެ މައްސަލައިގައި 70 މީހަކާއި އަދި ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ވެސް 116 މީހަކު ބަންދުގައި އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުން ވާނުވާ ބަންދުގައި ދެން ތިބި މީހުންގެ ތެރޭގައި ހިމެނެނީ

  • މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުން
  • ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރި މީހުން
  • ގެވެށި އަނިޔާއާއި ރަހީނު ކުރުމުގެ މައްސަލަތަކުގައި ހައްޔަކުކުރި މީހުން
  • ހިއުމަން ޓްރެފިކިންނާއި އެއްޖިންސުން ގުޅުން ހިންގި މީހުން
  • ތަންތަން ރޯކުރުން، ސްމަގްލަކުރުމުގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުން ވެސް ހިމެނޭ

އެހެންވެ އެފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން އެހާ ފަސޭހައިން ދޫކޮށްލަން ރައްޔިތުން ބޭނުންވެދާނެތޯ ރައީސް ސުވާލު ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!