ޚަބަރު

ރައީސް ،ހެންވެއިރު ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާރޭ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސިލްސިލާ ގޮތެއްގައި މިހާރު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން ހެންވެއިރު ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުން މާދަމާ ރޭ އޮންނާނޭކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ހެންވެއިރުގެ ރައްޔިތުންނާ އެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30ގައި ކަލާފާނު ސްކޫލްގައި ކަމަށާއި ސަރުކާރުގެ ފަރާތުން މި ބައްދަލުވުމަށް ހެންވެއިރުގެ ހުރިހައި ރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުން އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށް ފަހު މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާ ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވައިފައެވެ.

Ads by Allied Insurance