ޚަބަރު

ޑޮލަރު ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުން ކުރާތީ ބީއެމްއެލްގެ އިންޒާރެއް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ބީއެމްއެލް ޑެބިޓް ކާޑަކުން ފައިސާ ކަނޑަނީ --

ޑޮލަރު ކާޑު ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި، އެކަކު 100އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރު ފައިސާ ނަގައިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

Ads by STELCO

މިދިޔަ މަހުން ފެށިގެން ބީއެމްއެލްއިން ވަނީ ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖޭން ބޭރުގައި ބޭނުން ކުރެވޭ ލިމިޓް އިތުރުކޮށްފައެވެ. އެގޮތުން، ކާޑު މެޝިނުގައި ބޭނުން ކުރެވޭ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު އަދި ޓިކެޓާއި، ހޮޓެލް ބުކިން އަދި ސިއްހީ ކަންކަމަށް 3000 ޑޮލަރު ވަނީ އިތުރުކޮށްފައެވެ.

ބީއެމްއެލްއިން ބުނީ މި ލިމިޓްތައް ނަހަމަ ގޮތުގައި ބޭނުން ކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން، ބައެއް ކަސްޓަމަރުންގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގައިފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ދިނުން ހިމެނޭ ކަމަށް ބުންޏެވެ.

އޭގެ ތެރެއިން އެކަކު 100އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް، ބޭރު ފައިސާ ހޯދުމަށް ޓަކައި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ކޮށްފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ.

އޭގެ އިތުރުން ވެސް، ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް ޓިކެޓް އަދި ހޮޓެލް ބުކިން ކަނޑައަޅައިފައިވާ ލިމިޓް ބޭނުން ކުރުން ވެސް ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ ލިމިޓުގެ ނަހަމަ ބޭނުން ކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅި ހިލާފު އަމަލެއް ކަމަށެވެ. އަދި ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅައިފައިވާ މި ލިމިޓަކީ އެކާޑުގެ ވެރިފަރާތް އަމިއްލަ ބޭނުންތަކަށް ހަރަދުކުރަން ދީފައިވާ ލިމިޓެއް ކަމަށެވެ. އެހެންކަމުން އެހެން މީހުންނަށް ކާޑު ނުދިނުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance