ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކާ 2 ތަން ބަންދުކޮށްފި
ގަވާއިދާ ހިލާފަށް ދުންފަތުގެ އެކި ބާވަތްތައް ވިއްކަމުން ދިޔަ 2 ފިހާރަ ބަންދުކޮށްފިއެވެ.
ފުލުހުން ރޭ ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި އިމިގްރޭޝަނާއި ކަސްޓަމްސް ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލޭގެ 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ ތަންތަނުގެ ތެރެއިން 2 ތަނެއް ބަންދުކޮށް، ދެން ހުރި ތަންތަނުގައި ހުރި ރަނގަޅު ކުރަން ހުރި މައްސަލަތައް ފާހަގަކޮށް ނޯޓިސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބަންދުކުރި 2 ތަނުގައި ދުންފަތުގެ ބާވަތްތައް ގަވާއިދާ ހިލާފަށް ވިއްކާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެތަންތަނުން ދުންފަތުގެ ބާވަތްތައް ވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.
އޭގެ އިތުރުން ވެސް އިމިގްރޭޝަނުން ވަނީ 4 މަސާޖުޕާލަރއެއް ބަލައިފާސްކޮށްފައެވެ. އެ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

