ބީއެމްއެލްއާއި ވިސާއާ އެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން، މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ޕްރޮގްރާމެއް ފެށުމަށް ޓަކައި، ޑިޖިޓަލް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ އިސް ސަފުގައި ހިމެނޭ ވިސާއާ އެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ.
މި ޕްރޮގްރާމަކީ ބީއެމްއެލްއާއި ތައުލީމީ ވުޒާރާ ގުޅިގެން، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ފެށި ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ، ތައުލީމީ އިދާރާތަކާއި އެކިއެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
ބީއެމްއެލްއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، މި އެއްބަސްވުމުގެ ދަށުން ވިސާގެ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމްގެ "ޕްރެކްޓިކަލް މަނީ ސްކިލްސް'" އަދި "ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް'" ސެޝަންތައް ރާއްޖޭގައި ހިންގާނެކަމަށެވެ.
މި ސެޝަންތަކުގައި ފައިދާ ހުރި ކަންތައްތަކެއް ދަސްކޮށްދޭނެކަން ފާހަގަކޮށް، ބަޖެޓްކުރުމާއި ފައިސާ ފަހަށް ރައްކާކުރުމުގެ މުހިންމުކަމާއި، ދަރަނި ހެޔޮގޮތުގައި މެނޭޖްކުރާނެ ގޮތްތައް ކިޔައިދޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފައިސާ ރަނގަޅުގޮތުގައި ބޭނުންކުރާނެ ގޮތް ކިޔައިދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ފައިސާ ގެންގުޅޭނެ ގޮތުގެ އިރުޝާދުތައް ބީއެމްއެލްއިން ހިއްސާކުރެވިގެންދާނެއެވެ. އަދި ކޭޝް ފްލޯ ބަލަހައްޓާނެގޮތާ، އަގު ކަނޑައެޅުމާއި ޑިޖިޓަލް ޕޭމަންޓް އަދި ކަސްޓަމަރުން އިތުރުކުރާނެ ގޮތްތަކާއި ވިޔަފާރީގެ އުކުޅުތަކުގެ މައުލޫމާތު ވެސް ފޯރުކޮށްދެވޭނެއެވެ.
"މި މުހިންމު މަސައްކަތަށް ވިސާއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ ބޭންކުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. މި ޕްރޮގްރާމަކީ އަންނަން އޮތް ޖީލުތަކަށް މާލީ ކަންކަމުގައި ހޭލުންތެރިކަމާއެކު ގޮތް ނިންމުމުގައި އެހީތެރި ވުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ޕްރޮގްރާމެއް. ދަރިވަރުންނަށް ހަރުދަނާ މާލީ ބިންގާއެއް އެޅުމަށް އެހީތެރިވެރިވެދިނުމަކީ މި ގައުމުގެ އިގްތިސާދު ހަރުދަނާކުރުމަށް ދިގު މުއްތަކަށް އެޅޭ މުހިންމު ފިޔަވަޅެއް." :ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވީ ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަވަންތި ކޮލަމްބަގެ އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.
