ގައުމު ތަރައްގީކުރަން މަސްވެރިންކުރާ މަސައްކަތް ބަލައިގަންނަން ޖެހޭ: ރައީސް މައުމޫން
ދިވެހިރާއްޖޭގެ މަސްވެރިން މި ގައުމު ތަރައްގީކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ބަލައިގަންނަން ޖެހޭކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މި ފަދައިން ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޕޯސްޓުގައި ރައީސް މައުމޫން ވަނީ، ދިވެހިރާއްޖޭގެ ހީވާގި ދިވެހި މަސްވެރިންނަށާއި، އޮޑިވެރިންނަށާއި، މަސްވެރި ޢާއިލާތަކަށާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް ވަނީ ތަހުނިޔާ ފޮނުއްވައިފައެވެ. އަދި އެ ފަރާތްތަކަށް އިޚްލާސްތެރިކަމާއި ލޯތްބާ އެކު، ހެޔޮއެދުންތައް ވެސް އެމަނިކުފާނު ވަނީ ފޮނުއްވައިފައެވެ.
ރައީސް ވަނީ މަސްވެރިންގެ ދުވަހަކީ އުންމީދުން ފުރިގެންވާ ދުވަހެއްކަމަށް ވިދާޅުވެ މަސްވެރިންގެ މަސައްކަތަށް ހިތުގެ އަޑިން ޝުކުރު އަދާކުރައްވައިފައެެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަސް ކަމުގައިވާއިރު، މި ދުވަސް ފާހަގަކުރުމަށް ޓަކައި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ދަނީ ކުރިޔަށްގެންދަމުންނެވެ. އެގޮތުން ރ. ދުވާފަރުގައި "މަސްވެރިންގެ ގުންޒަރެއް" ބާއްވާ، މަސްކެނޑުމުގެ މުބާރާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

