ދިވެހި ބަހުން ލިޔެކިޔުން ކުރިއަރުވަން ހާއްސަ ޕްރޮގްރާމެއް އިފްތިތާހުކޮށްފި
ޕްރައިމަރީ ތައުލީމު ވަރުގަދަކޮށް، ދަރިވަރުންގެ މެދުގައި ދިވެހި ބަހުން ލިޔެކިޔުން ކުރިއެރުވުމުގެ މަގުސަދުގައި ހާއްސަ ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފިއެވެ.
ބޮއިންގް ކުންފުންޏާއި ރޫމް ޓު ރީޑް ގުޅިގެން ކުރިއަށް ގެންދާ “އަރލީ ލާނިންގ” ޕްރޮގްރާމް އިފްތިތާޙްކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ޕްރޮގްރާމްގެ ދަށުން ބޮއިންގްގެ މާލީ އެހީތެރިކަމާ އެކު، ރޫމް ޓު ރީޑް އާއި ނޭޝަނަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އަދި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން، 15 ކުޑަކުދިންގެ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ފޮތްތައް ޑިޖިޓަލްކޮށާއި، ޕްރިންޓްކޮށް، ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ދިވެހިބަސް ކުރިއެރުވުމަށާއި، "އަރލީ ގްރޭޑް ލާނިންގ" ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ،
ރޫމް ޓު ރީޑް އަކީ ބޮއިންގް ކުންފުނީގެ ބޮއިންގް ގްލޯބަލް އެންގޭޖްމެންޓް (ބީ.ޖީ.އީ)އާ ގުޅިގެން ހިންގާ ގްލޯބަލް އެޑިޔުކޭޝަން ނޮން-ޕްރޮފިޓް ޖަމްޢިއްޔާއެކެވެ. އެ ޕާޓްނަޝިޕްގެ ދަށުން އެކި ގައުމުތަކުގެ ސްކޫލުތަކުގައި އާލީ ގްރޭޑް ލާނިންގގެ ލިޔެކިޔުން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި އެކި ގައުމުތަކުގެ ބަހުރުވައިން ފޮތް ތައްޔާރުކުރުމާއި، ލައިބްރަރީތައް ތަރައްގީކުރުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ލިޓްރެސީ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

