ކުށްތަކަށް އަރައިގަންނަން މިހާރު ޖެހިލުންވާނެ: ހޯމް މިނިސްޓަރު
ކުށްތަކަށް އަރައިގަންނަން މިހާރު ޖެހިލުންވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރ. މާކުރަތުގައި ގާއިމުކުރި ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިހުސާން މިއަދު ވިދާޅުވީ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމަކީ އެ ރަށަކަށް އެތައް ގޮތަކުން ފައިދާ ލިބޭ ކަމެއް ކަމަށެވެ.
އަދި އޭގެ ސަބަބުތައް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލާނަން ކުށުގެ ވެއްޓަށް އަރައިގަންނަން ބޭނުންވާ ނުވަތަ ކުށުގެ ވެއްޓަށް އަރައިގަންނަން ދާ މީހުންނަށް މިހާރު ޖެހިލުން ވާނެ. ފުލުހުންގެ މަރުކަޒެއް ކައިރީގައި ފެންނަން ހުރުމުން ހިތަށް އެ ބިރުވެރިކަން އަންނާނެ," މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެއާ އެކު އެމީހުން ކުށުގެ މާހައުލުން ދުރުކުރުމަށް ޓަކައި ފުލުހުންނަށް ގާތުން މަސައްކަތް ކުރެވެން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތަށް ދިވެހި ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ގާތުގައި ތިބެ އެ ހިދުމަތް ދޭން ފަށާނެކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
"ފުލުހުން ވަކިން ހާއްސަކޮށް މި މަރުކަޒު (މާކުރަތު ޕޮލިސް ސްޓޭޝަން)ގެ ތެރެއިން ބަލަމުން ގެންދާނެ. މަރުކަޒުތަކަށް ހުށަަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށް ޓަކައި މިހާރު ފަސޭހަ އިންފްރާސްޓްރަކްޗާ ގާއިމުވެފައި ހުންނާނެ. މިއީ ވަކިން މި ރަށަށް ކުރެވޭނެ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.
