ޚަބަރު

ފޭކު ވިސާގައި ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި އިސްކޮށް އުޅުނު މީހާ ޖަލަށް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީ ކުށްގެން ފައިސާ ހޯދައި މަނީލޯންޑަރިން ކުރި މައްސަލައިގައި ހައްޔަރުކުރި ޝަހާދަތު ހުސައިން --

ފޭކް ވިސާގައި ރާއްޖެއަށް ބިދޭސީން ގެނެސް, މަނީލޯންޑާ ކުރުމުގައި އިސްކޮށް އުޅުނު ބަނގްލަދޭޝް މީހާ 2 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

Ads by STELCO

ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، ޖިނާއީކުށް ކޮށްގެން ފައިސާ ހޯދައި މަނީލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައި ވަނީ ޝަހާދަތު ހުސެއިން (34އ)ގެ މައްޗަށެވެ.

އޭނާއަކީ 2014ވަނަ އަހަރުން ފެށިގެން 4 ވޯކް ޕާމިޓެއްގައި ރާއްޖޭގައި އުޅެމުން އައި މީހެކެވެ. އަދި 2019އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި 6 އެކައުންޓެއް ވަނީ ހުޅުވައިފައެވެ. ނަމަވެސް އޭނާގެ ވޯކް ޕާމިޓުން އެނގޭ ގޮތުގައި ޝަހާދަތު އެންމެފަހުން މަސައްކަތްކޮށްފައި ވަނީ އޮފީހެއްގެ އޮފީސް ބޯއީއެއްގެ މަގާމުގައެވެ. މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 3،000 ޑޮލަރެވެ.

ނަމަވެސް ޝަހާދަތު މާލޭގައި އުޅުނީ 18،000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަގައިގެންނެވެ. އޭނާ ގެންގުޅޭ ފޯނާއި ލެޕްޓޮޕުން އެކި ކުންފުނީގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕާއި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓުތަކާއި ބިދޭސީންގެ ޕާސްޕޯޓުގެ އިތުރުން ދިވެހި އައިޑީކާޑުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި 5 ދައުވާއެއް ކުރިއެވެ. އެއީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 2 ދައުވާއެވެ.

މި ދައުވާތަކަށް އޭނާ އެއްބަސްވެ، ދައުލަތާ އެކު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެހެންވެގެން އޭނާގެ މައްޗަށް އުފުލި ، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގެ އިތުރުން އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ 2 ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ބާކީހުރި ދައުވާތަކުގެ އަދަބުވަނީ ކުޑަކޮށްފައެވެ.

އަދަބު ކުޑަކުރުމުން މަނީލޯންޑަރިންގެ ދައުވާގައި ޝަހާދަތުގެ މައްޗަށް އިއްވީ 2 އަހަރާއި 6 މަހަށް ޖަލަށްލުމާ އެކު 53،400 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. އަދި ރިޝްވަތު ދިނުމުގެ ދައުވާގައި އިއްވީ 6 މަހަށް ޖަލަށްލުމާ އެކު 21،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. ޖޫރިމަނާގެ ފައިސާ 6 މަސް ދުވަހުން ދައްކާ ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފައެވެ.