ހުޅުމާލެ ފޭސް-3ގެ 31 ހެކްޓަރު ހިއްކައިފި
ހުޅުމާޅެ ފޭސް 3 ހިއްކުން ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށާއި 31 ހެކްޓަރު ބިން މިހައިތަނަށް ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ބުނެފިއެެވެ.
ހުޅުމާލެ ފޭސް 3 ހިއްކަން ފަށައިފައި ވަނީ 2023ވަނަ އަހަރުއެެވެ. އެހެން ނަމަވެސް ދިމާވި ބައެއް ސަބަބުތަކާ ހެދި މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، މި މަސައްކަތް އަލުން އެމްއޭސީއެލްއިން ފަށައިފައި ވަނީ މިއަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.
އެ ކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނީ، ހުޅުމާލެ ފޭސް 3އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ 49.2 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމައިލުން ކަމުގައި ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހުޅުމާޅޭ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް ހިއްކުން އަވަސްކުރުމުގެ މަސައްކަތް ފަށައިފައި ވަނީ މިދިޔަ ނޮވެމަބަރު މަހުގެ 28ވަނަ ދުވަހުއެވެ.
ބިންހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ދެ ޑްރެޖަރުން ދުވާލަކު ތިން ބުރު ޖަހައެވެ. ކޮންމެ ބޯޓަކުން ދުވާލަކު 63،000 ސީބީއެމްގެ ވެލި އަޅާނެއެވެ. ދެ ބޯޓުން 126،000 ސީބީއެލްގެ ވެލި އަޅާނެއެވެ.
ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ނިމުމުން، ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ވެސް ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރަސްމާލޭން ހިއްކާ 1،100 ހެކްޓަރުގެ ބިން ހިއްކުން ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
