ޚަބަރު

ނޫސްވެރިންނާއި ބްރޯޑްކާސްޓަރުންގެ ސުލޫކީ މިންގަނޑު އާންމުކޮށްފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކުރައްވައިފިއެވެ.

Ads by STELCO

މި އުސޫލުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ނަގަހައްޓަން ޖެހޭ ހަމަތަކާއި ޕްރޮގްރާމިންއާއި ކޮންޓެންޓް އުފެއްދުމުގައި ސަމާލުކަންދޭންވީ އުސޫލުތަކާއި މިންގަނޑުތަކާއި މައުލޫމާތު ހާމަކުރުމުގައި އިސްކަންދޭންވީ މިންގަނޑުތައް ބަޔާންކޮށްފައިވެއެވެ.

އެގޮތުން ސުލޫކީ މިންގަނޑުގައި ހިފަހައްޓަން ޖެހޭ ހަމަތައް ބަޔާންކޮށް ތަފުސީލުކޮށްފައިވެއެވެ.

ނޫސްވެރިންނާއި ބްރޯޑްކާސްޓަރުން ހިފަހައްޓަންޖެހޭ ހަމަތައް:

• އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.
• ގައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން.
• އިޖުތިމާއީ އަހުލާގާއި އާންމު ނިޒާމު ހިފެހެއްޓުން.
• މީހުންގެ އަބުރާއި ޒާތީ ދިރިއުޅުން ރައްކައުތެރިކުރުން.
• އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުން.
• ތެދު މައުލޫމާތު ހާމަކުރުމާއި އިންސާފުވެރިކަމާ އެކު ހާމަކަން ބޮޑު ގޮތެއްގައި ހަބަރާއި މައުލޫމާތު ގެނެސްދިނުން.
• އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކަށް، ގާނޫނުތައް ހުއްދަކުރާ ގޮތުގެ މަތީން ޖާގަ ދިނުން.
• މުޖުތަމައުގައި އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ހަބަރާއި މައުލޫމާތު ފެތުރުމުގައި އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރަން ހާއްސަ ރައްކައުތެރިކަމާއި ސަމާލުކަމެއް ދިނުން.
• ހަބަރާއި މައުލޫމާތު ފެތުރުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުޑަކުދިންގެ ހައްގުތަކަށް ގެއްލުންވާނެ ފަދަ ހަބަރާއި މައުލޫމާތު ނުފެތުރުން.

ސުލޫކީ މިންގަނޑުގައި ކޮޕީރައިޓު ނުވަތަ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓާ ބެހޭ ބައެއް ވަނީ ހިމަނައިފައެވެ. އެގޮތުން އެހެން ފަރާތެއްގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ބޭނުންކުރުމުގައި އެ އެއްޗެއްގެ ވެރިފަރާތެއްގެ ހުއްދަޔާއެކު އެ ފަރާތަށް ކްރެޑިޓްދީގެން މެނުވީ އެ ކޮންޓެންޓެއް ގެނެސްދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެހެން ފަރާތެއްގެ އުފެއްދުމެއް ބޭނުންކުރުމުގައި އޭގެ އަސްލު އޮޅުވައިލައިގެން އެއީ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ގެނެސްނުދިނުމަކީ ވެސް މިންގަނޑާ ހިލާފު ކަމެއް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން މިންގަނޑުގައި ކޮންޓެންޓް އުފެއްދުމުގައި އާޓިފިޝިއަލް އިންޓެލިޖެންސް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އޭއައި ބޭނުންކޮށްގެން އުފައްދައިފައިވާ ކޮންޓެންޓް ގެނެސްދިނުމުގައި އެ ކޮންޓެންޓަކީ އެ ފަދަ ގޮތަކަށް އުފައްދައިފައިވާ ކޮންޓެންޓެއްކަން ބަޔާންކުރަން  ޖެހޭނެއެވެ. އަދި އޭއައި ބޭނުންކުރަންވާނީ ނޫސްވެރިކަމާއި ކޮންޓެންޓް އުފެއްދުމުގައި އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި ކަމާއި މި ގޮތުން ގެނެސްދޭ މައުލޫމާތަކީ އޭގެ ތެދުކަން ކަށަވަރުކޮށްފައިވާ މައުލޫމާތަކަށް ވާންޖެހޭނެ ކަމަށް ވެސް ސުލޫކީ މިންގަނޑުގައި ވަނީ ބަޔާންކޮށްފައެވެ.

ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް ވަނީ އޭގައި ބަޔާންކޮށްފައެވެ.

އެގޮތުން ގާނޫނުގެ ދަށުން އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި ނޫސް ނުވަތަ މަޖައްލާއަކުން، ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެެވެ. މީގެ އިތުރުން ސުލޫކީ މިންގަނޑާ މީޑިއާގައި މަސައްކަތްކުރާ ފަރާތެއް ނުވަތަ ނޫސްވެރިއެއް ހިލާފުވެއްޖެ ނަމަ، ގާނޫނާ ހިލާފަށް ކުރި ކަމެއް ރަނގަޅުކުރަން އަންގާނެއެވެ. އަދި މައާފަށް އެދުމަށާއި ކޮމިޝަނުން އަންގާ ވަގުތެއްގައި، ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން، ކުށުގެ އިސްލާހު އާންމުކުރުމަށް، ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިޔުމަށް ބަޔާނެއް އާންމުކުރުމަށް ވެސް އަންގާނެއެވެ.

މީޑިއާ ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން އަމަލުކުރަންޖެހޭ ގޮތުގެ ސުލޫކީ މިންގަނޑެއް އާންމުކުރުމަކީ މިއަހަރުގެ ތެރޭގައި އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!