ޚަބަރު

މާލެއިން މީދާ މަދުކުރަން ސިޓީ ކައުންސިލުން ނުކުމެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މާލޭގައި މީދާ ގިނަވުމުގެ ސަބަބުން، ރައްޔިތުންނަށް ކުރިމަތިވަމުންދާ އުނދަގޫތައް ހައްލުކުރުމަށް ޓަކައި، މާލެ ސިޓީ ކައުންސިލުން ހާއްސަ ހަރަކާތެއް މިއަދު ފަށައިފިއެވެ.

Ads by STELCO

މިއަދު ހެނދުނު މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުން، މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، މި ހަރަކާތް ފެށީ މާލޭގައި މީދާ ގިނަ ވުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް އޭގެ އުނދަގޫ އިންތިހާއަށް ކުރިމަތިވަމުން އަންނަކަމުގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުންދާތީ ކަމަށެވެ. އަދި މި ހަރަކާތުގައި މީދާތައް މެރުމަށް އެކި ތަންތަނަށް ބޭސް އަޅާނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

މޭޔަރު އާޒިމް މިއަދު ވިދާޅުވީ، މި ހަރަކާތް މިއަދު ލޯކަލް މާރުކޭޓް ސަރަހައްދުގައި ފެށުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން މާލޭގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ، މީދާގެ އުދަގޫތައް ކުޑަވެގެންދާނެކަމަށް ބެލެވޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.