ދިވެހިން އެދޭ އެދުމަކީ މިއަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން: ނައިބު ރައީސް
ދިވެހިން އެދޭ އެދުމަކީ މި އަހަރުގެ ސެންޓްރަލް އޭޝިއާ ވޮލީ ބޯލް އެސޯސިއޭޝަން (ކާވާ) ކަޕް މުބާރާތުގެ ތަށި ގެނައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މި މަހުގެ 20އިން 25އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ކާވާ ކަޕް ފޮރ ވިމެން 2025" ގެ ޖަރޒީ ދިވެހި ގައުމީ އަންހެން ވޮލީބޯޅަ ޓީމާއި ހަވާލުކޮށްދެއްވުމަށް މިއަދު މެންދުރު ފަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ޖަރޒީތައް ހަވާލުކޮށްދެއްވުމަށް ފަހު، ނައިބު ރައީސް ވަނީ ޓީމުގެ އެންމެހާ ކުޅުންތެރިންގެ ހުނަރަށް ތައުރީފުކުރައްވައި، އެ ކުޅުންތެރިންނަށް ހިތްވަރުދެއްވައި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި މި މުބާރާތުގައި ދިވެހި ޓީމަށް ސަޕޯޓުކޮށްދެއްވުމަށް އެ މަނިކުފާނު ވަނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ނައިބު ރައީސް ވިދާޅުވީ މިދިޔަ އަހަރު ކާވާ ކަޕްގައި ދިވެހި ޓީމުން ކުޅުނު ގިނަ އަދަދެއްގެ މެޗުތަކެއް ބައްލަވާލެއްވުމުގެ ނަސީބު ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ޓީމުން ދެއްކި ހިތްވަރުގަދަ މޮޅު ކުޅުން ބައްލަވައިލެއްވުމުގެ ފުރުސަތު ވެސް ލިބިވަޑައިގެންނެވިކަމަށް ވިދާޅުވަމުން ، އެ މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި އެ ކުޅުންތެރިން ދެއްކި އާދަޔާ ހިލާފު ހުނަރުވެރި ކުޅުން ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ ދިވެހިންގެ ކުޅުމަކީ މިހާރު މިފަދަ މުބާރާތެއްގައި ތަށި ހައްގުވާ މިންވަރުގެ ކުޅުމެއް ކަމަށާއި މި އަހަރުގެ މި މުބާރާތުގައި ދިވެހިން އެދޭ އެދުމަކީ އެފަދަ މޮޅު ކުޅުމެއް ދައްކައި، ތަށި ގެނައުން ކަމަށެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުން ވޮލީބޯޅަ ކުރިއެރުވުމަށް ޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ކަމަށާއި މިކަމުގައި ދެއްވަންޖެހޭ ހުރިހާ އެއްބާރުލުމެއް އެސޯސިއޭޝަނަށް ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ރާއްޖޭގައި މި ކުޅިވަރު ތަރައްގީކޮށް، ކުރިއެރުވުމަށް ޓަކައި އަދި އިތުރު ޒުވާން ކުޅުންތެރިން މިކުޅިވަރުގެ ތެރެއަށް ޝައުގުވެރިކޮށް، ހުނަރުވެރި ކުޅުންތެރިން ހޯދުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުވަހަކު ވެސް ވޮލީކޯޓުތައް ނޭޅޭ ފެންވަރަށް ކޯޓުތައް އެޅުމާއި އަދި ކުޅުންތެރިން އުފެއްދުމަށް ޓަކައި ދޭންޖެހޭ ސަޕޯޓު އެކިއެކި ޖަމިއްޔާތައް މެދުވެރިކޮށް ކުޅިވަރާ ބެހޭ ވުޒާރާއިން ދެއްވަމުންގެންދަވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

