ޚަބަރު

ބަޔޯމެޓްރިކްސް ނުދޭ 509 ބިދޭސީން ޑީޕޯޓުކޮށްލައިފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން

"އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް ބަޔޯމެޓްރިކްސް މައުލޫމާތު ނުދޭ 509 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by MPL

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ހޯދުމަށް ފެށި އޮޕަރޭޝަނުގެ ދަށުން 20،200 ބިދޭސީންގެ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް މައުލޫމާތު ނުދޭ 509 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށާއި އެ އަދަދާ އެކު، ވޭތުވެދިޔަ ދެ އަހަރު ދުވަސްތެރޭގައި ޖުމްލަ 9677 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންއާ އެކު ހިންގާ ޖޮއިންޓް އޮޕަރޭޝަނުގެ ދަށުން ހަފްތާއެއްގެ ތެރޭގައި ގަވާއިދާ ހިލާފަށް، ބިދޭސީން ހިންގާ 46 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ހިންގާ 54 މަސާޖު ޕާލާ ވެސް ހަފްތާއެއްހާ ދުވަހުން ބަންދުކޮށްފައިވާ ކަމަށެވެ.

އެ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ads by Ooredoo