ޚަބަރު

އަމާން އުދަރެހުގައި ހަދާ ޖީޕީ ކްލިނިކްގެ އަމަލީ މަސައްކަތް ފަށައިފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

އަމާން އުދަރެސް 6ވަނަ ޓަވަރުގައި ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފަށައިފިއެވެ.

Ads by MPL

ޖީޕީ ކްލިނިކް ގާއިމްކުރުމަށް ޓަކައި އެފްޑީސީއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ދެމެދު ކޮމާޝަލް ޔުނިޓް ބޭނުންކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މި މަހުގެ 9ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، އެފްޑީސީއިން ތަރައްގީކޮށްފައިވާ އަމާން އުދަރެސް 6ވަނަ ޓަވަރުން 6,788.43 އަކަފޫޓުގެ ޖާގައިގެ ކޮމާޝަލް ޔުނިޓެއް ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއަށް ދޫކޮށްފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ޕްރައިމަރީ އާބަން ހެލްތް ކެއަރ ކްލިނިކުގައި އިތުރު ހިދުމަތްތަކެއް ދެވޭނެ ކަމަށެވެ. އެގޮތުން ވެކްސިން ދިނުމާއި ކުޑަކުދިންގެ ގްރޯތު މޮނިޓަރިންގ މަސައްކަތާއި، ވެލްނެސް ކްލިނިކް، ކައުންސެލިންގ ހިދުމަތް އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން ތަޖުރިބާކާރު ޖެނެރަލް ޕްރެކްޓިޝަނަރުން މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އަމާން ޓަވަރުތަކުގައި މީހުން އާބާދުވާން ފަށާފައިވާއިރު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދެވޭނެ ނިޒާމު އެ ޓަވަރުތަކުގައި ހަމަޖެހިފައިވާގޮތް ހެދުން ކަމަށެވެ.

އެފްޑީސީން ބުނީ، ޖީޕީ ކްލިނިކް ހިންގާ ޖާގަ ހުޅުމާލެ ހޮސްޕިޓަލާ އެކުންފުނިން ހަވާލުކޮށްފައި ވަނީ ސަރުކާރުގެ ނޭޝަނަލް ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ކަމަށާއި އެހެންވެ އެ ޖާގައަށް މެއިންޓަނަންސް ފީގެ އިތުރަށް އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީ ކޮށްފައިވާ އަމާން އުދަރެސް ޓަވަރުތަކުގައި މީހުން އާބާދުވެ ދިރިއުޅެން ފަށަމުންދާއިރު އަސާސީ ހިދުމަތްތައް ޓަވަރުތަކުގައި ފޯރުކޮށްދިނުމަކީ ކުންފުނީގެ އަމާޒުކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން، މި ކްލިނިކް ވެގެންދާނީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ކުރިއެރުމަކަށެވެ.

Ads by Allied Insurance