ދެބޭންގެ މެދުގައި ހިނގި ދެބަސްވުން ހޫނުވެ ވަޅިޖަހައިފި
ދެބޭންގެ މެދުގައި ހިނގި ހަމަނުޖެހުމެއް، ހޫނުވެ ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަށްވަނަ ޓަވަރުގެ އެޕާޓުމަންޓަކުން އަޑުގަދަކޮށް ޒުވާބުކުރާ ކަމަށް، ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ. އަދި އެ އެޕާޓުމަންޓުގައި ދެބޭންގެ މެދުގައި މާރާމާރީއެއް ހިނގައިފައިވާ ކަމަށާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި ޙާދިސާގައި އަނިޔާ ލިބުނު ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

