ބީއެމްއެލްއިން އިސްލާމިކް މައިކްރޯ-ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފި
މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނިޝިއޭޓިވް (މިސްފީ)ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'މައިކްރޯ ފައިނޭންސިންގ" ޕްރޮޑަކްޓް ތައާރަފްކޮށް، ޖެނުއަރީގައި ފައިނޭންސިންގއަށް ހުޅުވައިލަން ނިންމައިފިއެވެ.
މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް 2.5 އިންސައްތަ ރޭޓެއްގައި މާލީ އެހީތެރިކަން ލިބޭނެއެވެ. މިއީ މުޅި ރާއްޖޭގައި ވެސް މިހާރު ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓެވެ. މި ފައިނޭންސިންގ އަގުހެޔޮކޮށް އަދި ދިގު މުއްދަތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. މި ފައިނޭންސިންގ އަށް އެޕްލިކޭޝަން ފީއެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރި ކުރިއެރުވުން ފަދަ އެކި ބޭނުންތަކަށް މި ފައިނޭންސިން އަށް އެދި ހުށަހެޅޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އިސްލާމިކް ސޯޝަލް ފައިނޭންސިންގައި އިސްނަގައި، ރާއްޖެއަށް މުޅިން އަލަށް މިފަދަ ޕްރޮޑަކްޓެއް ތައާރަފްކުރެވޭކަމީ ލިބޭ ފަހުރެއް ކަމަށެވެ. އަދި އަމާޒަކީ ހުރިހާ އެންމެންނަށް ވެސް ފަހި ފުރުސަތުތައް ލިބޭނެ ގޮތަށް މާލީ ނިޒާމު ބައްޓަންކުރުން ކަމަށާއި މިއީ އެބައެއްގެ ފުރިހަމަ ޕޮޓެންޝަލްއަށް ވާސިލްވުމަށާއި ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ.
"މީގެ ސަބަބުން މުޅި ގައުމަށް އޭގެ ފައިދާ ލިބި، ވިލުންތެރި އިގްތިސާދެއް ބިނާކުރުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރުމަށް މަގުފަހި ވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
މި ޕްރޮޑަކްޓަކީ އާންމު އުސޫލުގެ ތެރެއިން ބޭންކުތަކުންދޭ ހިދުމަތްތަކަށް ކުރިމަތިނުލެވޭ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކާއި، ބޭންކުތަކުން އާންމުކޮށް ފައިނޭންސިންގ ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އަމާޒުކޮށްފައިވާ ފައިނޭންސިންގއެކެވެ. އަދި ޝަރީޢާ ކޮމްޕްލައިންޓް ހަމަތަކުގެ މަތިން ދެވޭ މި ފައިނޭންސިންގއާއެކު މުޖުމަތައަށް ބޭނުންވާ ތަފާތު އެކި ކަންކަން ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާވެ، ރަސްމީ ބޭންކިންގ ދާއިރާއާ ދެމެދުގައިވާ ހުސްކަން ފޫބައްދައިދޭނެއެވެ.
ބީއެމްއެލްއިން ބުނީ، އަންނަ ޖަނަވަރީ މަހު ބޭންކުގެ ޝަރީޢާ ކޮމްޕްލައިންޓް ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލް އިން މި ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެވިގެންދާނެކަމަށެވެ.
