ހަތް ތަނެއް ބަލައި ފާސްކޮށް، ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
އިމިގްރޭޝަނުން އިއްޔެ ހިނގި އޮޕަރޭޝަނުގައި ހަތް ތަނެއް ބަލައި ފާސްކޮށް، ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މާލޭގައި ހިންގަމުން ދިޔަ ހަތް ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ޤަވާއިދާ ޚިލާފް އުޅޫ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ މަހުގެ ތެރޭގައި 509 ބިދޭސީން ޑީޕޯޓް ކުރެވުނު ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ބިދޭސީން ޑީޕޯޓްކޮށްފައިވާ ޢަދަދު 9697 އަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައިއެވެ.

