ވިލިމާލެ ހޮސްޕިޓަލުގެ ސާރވޭއާއި ޑިޒައިންކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ވިލިމާލޭގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭއާއި ޑިޒައިން ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، ޗައިނާ ނޯތުއީސްޓް އާކިޓެކްޗަރަލް ޑިޒައިން އެންޑް ރިސާޗް އިންސްޓިޓިއުޓް ކޯ ލިމިޓެޑުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ޓީމް ރާއްޖެ އައިސްފައިވާކަމަށެވެ. އަދި މި ޓީމު ރާއްޖެ އައިސްފައި ވަނީ ހުޅުމާލޭގައި އިމާރާތްކުރާ ޓާރޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ސާރވޭ ހެދުމާއި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ކުރުމަށްކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެގޮތުން ސާރވޭކުރުމާއި ޑިޒައިންކުރުމުގެ މަސައްކަތް ފެށިފައިވާއިރު އަންނަ މަހުގެ 15ވަނަ ދުވަހާއި ހަމައަށް މި ޓީމުން މުހިންމު ސްޓޭކްހޯލްޑަރުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.
ވިލިމާލެ ހޮސްޕިޓަލު ތަރައްގީ ކުރުމަށް މިހާރު ހުރި ހޮސްޕިޓަލު ތަޅައިލައި އެތަނުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ބުނެފައެވެ. ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްގީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.
އާބާދީގައި 15000 އެއްހައި މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އެ އާބާދީއަށް ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ގާއިމުވެފައެއް ނުވެއެވެ.
މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި ބޭނުން ކުރަނީ 5 އެނދެވެ. އެހެންކަމުން އާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ، ވިލިމާލެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.
އެހެން ކަމުން ވިލިމާލޭގައި ތަރައްގީކުރުމަށް ނިންމައިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައި ވަނީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ އިމާރާތާއި ވަސީލަތް ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.
