އަދުގެ ޒުވާނުންގެ އަތުލިޔުން އެހާ ހަޑީ ކީއްވެ؟
ޒަމާނުއްސުރެ ދެކެވޭ އެއް ވާހަކައަކީ ޑޮކްޓަރުންގެ އަތުލިޔުން ހަޑިވުމެވެ. އެމީހުން ބޭސްސިޓީގައި ލިޔެފައި އޮންނަ އެއްޗެއް ކިޔަން ނޭނގުމެވެ. ނަމަވެސް މިހާރު ވަޒީފާގެ މާހައުލުގައި އުޅޭ ގިނަ ޒުވާނުންގެ އަތު ލިޔުން ޑޮކްޓަރުންނަށް ވުރެ ވެސް ފެންވަރު ދަށެވެ. ސްކޫލު ކުދިންގެ އަތު ލިޔުން ވެސް ހަމަ އެހާ ހުތުރެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި މިހެން ވަނީ ޑިޖިޓަލް ޑިވައިސްތައް އާންމުވެ، އަދުގެ ޒުވާނުން އަދި ކުދިން މޮޑާން ދިރިއުޅުމެއް އުޅެން ފެށުމުންނެވެ. މިހާރުގެ ގޮތުން ކިޔާނަމަ 'ޖެން ޒީ" އައުމުގެ ކުރިން މުޅި ދުނިޔޭގައި ވެސް އަތުން ލިޔެގެން ނުވަތަ މެނުއަލްކޮށް ކަންކަން ކުރުމަކީ އާންމުކަމެކެވެ. ސިޓީ ލިޔުމާއި، އޮފީސްތަކުގެ ރަޖިސްޓްރީ ނުވަތަ ލިޔެކިޔުންތައް ގެންގުޅެނީ އަތުން ނޯޓުކޮށްގެންނެވެ.
ނޯވޭގެ ޔުނިވާސިޓީ އޮފް ސްޓެވެންޖާގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި 'ޖެން ޒީ" ކުދިންގެ 60 ޕަސެންޓަކީ އަތު ލިޔުން ހަޑި ކުދިންނެވެ. އަތު ލިޔުމުން މުއާމަލާތު ކުރުމުގެ ހުނަރު ނެތިގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމަށް އެ ދިރާސާއިން ދައްކައެވެ.
އެ ދިރާސާގައި ބުނީ، އެހެންވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ޖިޑިޓަލް ޑިވައިސްތަކުން ފަސޭހައިން ޓައިޕްކުރެވުމެވެ. މީހަކަށް ދޭން ބޭނުންވާ މެސެޖެއް ވިޔަސް، ސިޓީއެއް ވިޔަސް ފޯނުން ނުވަތަ އެހެން ވެސް ޑިވައިސްއަކުން ޓައިޕްކޮށްލާފައި ފޮނުވަންވީއެވެ.
ސްކޫލުތަކުގައި ހަދާ ގިނަ ޕްރޮޖެކްޓްތައް ވެސް މިހާރު ހަދަނީ ކޮމްޕިއުޓަރު ބޭނުންކޮށްގެންނެވެ. އެހެންވުމުގެ ސަބަބުން ކުދިން އަތުން ލިޔާކަށް ނުޖެހެއެވެ. މީގެ ކުރިން ބޯޑުގައި ޓީޗަރު ލިޔާ ފިލާވަޅު އަމިއްލައަށް ފޮތުގައި ލިޔެގެން ކޮޕީ ކުރުމުގެ ބަދަލުގައި މިހާރު ސްކޫލުތަކުން ދެނީ ޕްރިންޓުކޮށްފައި ހުންނަ ފިލާވަޅެވެ. މިއީ ވެސް ކުދިން ލިޔުމާ ދުރުވާ ސަބަބެކެވެ.
ޒަމާނަށް އަންނަ ބަދަލާ އެކު ކުދިން ކަންނެތްވުމަކީ ވެސް އަތު ލިޔުން ހަޑިވާ ސަބަބެއް ކަމަށް އެ ދިރާސާގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން އަތުން ލިޔުމަށް ބުރައަކަށްވެ، ވަރަށް އަވަހަށް އަތުގައި ރިއްސައި ގަންނަ ކުދިން ގިނަކަން އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މިހާރުގެ ކުދިން އިލެކްޓްރޯނިކް ޑިވައިސްތަކަށް އެހާ ފަރިތަވުމުގެ ސަބަބުން ހުރިހާ ކަމެއް ކުރުމަށް ވެސް ފަސޭހަ ގޮތްތައް ހޯދައެވެ. ސްކޫލު ނިންމައި، ވަޒީފާގެ މާހައުމަށް ނުކުންނައިރު އެންމެ އާދައިގެ ކަންކަން މެނުއަލްކޮށް ކުރާކަށް ގިނަ ކުދިންނަކަށް ނޭނގެއެވެ. މިއީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
