14 ވިޔަފާރިއެއް ބަލައި ފާސްކޮށް، 5 ބިދޭސީއަކު ހައްޔަރުކޮށްފި
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް، މާލޭގައި ހިންގާ 14 ވިޔަފާރިއެއް ބަލައި ފާސްކޮށް، ފަސް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަން އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މާލޭގައި ހިންގަމުން ދިޔަ 14 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ފަސް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ މަހުގެ ތެރޭގައި 509 ބިދޭސީން ޑީޕޯޓް ކުރެވުނު ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ބިދޭސީން ޑީޕޯޓްކޮށްފައިވާ ޢަދަދު 9697އަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

