ވޭތުވެދިޔަ 10 މަހު ސްކޭމްގެ 1663 މައްސަލައެއްގައި 22.7 މިލިއަން ރުފިޔާގެ ގެއްލުން
އެންޓި ސްކޭމް ސެންޓަރު ގާއިމުކުރިތާ މިމަހުގެ 17 ވަނަ ދުވަހަށް 10 މަސް ދުވަސްވެފައިވާއިރު، ސްކޭމްގެ 1663 މައްސަލައެއްގައި 22.7 މިލިއަން ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ މި މައްސަލަތަކުގެ ތެރެއިން 539 މީހެއްގެ އަތުން ފޭރުނު ހުރިހާ ފައިސާއެއް އަނބުރާ ހޯދައިދީފައިވާ ކަމަށެވެ. އަދި 143 މީހެއްގެ އަތުން ފޭރުނު ފައިސާގެ ތެރެއިން ބައެއް ހޯދައިދީފައިވާ ކަމަށެވެ.
މިއަހަރުގެ މާޗު 17 ވަނަ ދުވަހު އެ ސެންޓަރު ގާއިމުކުރި ފަހުން މިމަހުގެ 17 ވަނަ ދުވަހަށް ހަމައަށް ހުށަހެޅި މައްސަލަތަކުގައި ޖުމްލަ 8.5 މިލިއަން ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށް ޝާމް ވިދާޅުވިއެވެ. އެއީ ގެއްލުނު ފައިސާގެ 37 ޕަސެންޓެވެ.
އެންޓި ސްކޭމް ސެންޓަރާ އެކު ހޯދުނު ކާމިޔާބީތައް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ސްކޭމްގެ އެކި މައްސަލަތަކުގައި 14 މީހަކު ހައްޔަރުކޮށް، 6 މީހަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި 661 މައްސަލައަށް ހައްލު ހޯދައިދީ މައްސަލަ ބަންދުކޮށްފައިވާ ކަމަށެވެ.
އަދި، 2946 ބޭންކް އެކައުންޓް ފްރީޒްކޮށްފައިވާއިރު، 237 ސިމްކާޑާއި 727 ޑިވައިސް ބްލޮކް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ގިނައިން ސްކޭމްގެ ޝިކާރައަކަށް މީހުން ވަނީ އީ-ކޮމާސްގެ ޕްލެޓްފޯމުންނެވެ. އެގޮތުން އެފަދަ 763 މައްސަލައެއް ހުށަހަޅާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން މީހުން ސްކޭމްގައި ޖެހެނީ ކަރަންސީ އެކްސްޗޭންޖު ކުރުމުގައެވެ. އެފަދަ 340 މައްސަލައެއް ހުށަހަޅާފައިވެއެވެ.
އެންޓި ސްކޭމް ސެންޓަރާއެކު ސްކޭމްގެ މައްސަލަތަކަށް ބޮޑު ކާމިޔާބީއެއް ލިބެމުންދާކަން ފުލުހުން ފާހަގަކުރީ މީގެ ކުރިން ރިކަވާ ކުރެވޭ ފައިސާގެ ނިސްބަރަށް ބޮޑުތަނުން ދަށްވުމެވެ އެގޮތުން އެ ސެންޓަރު ވުޖޫދުނުވާއިރު ރިކަވާ ކުރެވެނީ އެންމެ 2 ޕަސެންޓް ފައިސާ ކަމަށާއި، ސްކޭމަރުންގެ އައިޑެންޓިޓީ ވެސް ނުހޯދޭކަން ފުލުހުން ފާހަގަކުރިއެވެ.
