ޚަބަރު

ޗައިނާއިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް

ނުޙާ އަޙްމަދު ، ދެން އޮންލައިން

ޗައިނާއިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

Ads by STELCO

600 މިލިއަން ޔުއާން (85 މިލިއަން ޑޮލަރު)ގެ އެހީ ދިނުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެެފެއާޒްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ޚަލީލް ސޮއިކުރައްވާފައިވާއިރު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު، ކޮންގ ޝިއަންހުއާ ސޮއިކުރައްވައިފައި ވެއެވެ.

ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން ވި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ 3 މަޝްރޫއުއަކަށް މުހިންމު އެއްބަސްވުމެއް ކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށްގެންދަން ނިންމައިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަޝްރޫއު ހިމެނެއެވެ. މީގެ އިތުރުން މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޫއާއި 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަށް ވެސް މި އެހީ ހާއްސަވެގެންދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!