ވަޒީފާތަކަށް ނެގުމުން ރިޓަޔާ ވެފައިވާ ފުލުހުންނަށް އިނާޔަތް ނުލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި
ވަޒީފާތަކަށް ނެގުމުން ރިޓަޔާ ވެފައިވާ ފުލުހުންނަށް މަހުން މަހަށް ލިބޭ ރިޓަޔާމަންޓް އިނާޔަތް ނުލިބޭ ގޮތަށް ގަވައިދު އިސްލާހުކޮށްފިއެވެ.
މި ސަރުކާރުގައި ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އެންމެ އިސްވެރިންނަށް ވަނީ ރިޓަޔާޑް ބޭފުޅުން އައްޔަންކުރައްވައިފައެވެ. ބޮޑު މުސާރައެއް އެ ބޭފުޅުންނަށް ލިބޭ އިރު ރިޓަޔާޑް ފައިސާގެ ގޮތުގައި ވެސް ބޮޑު އަދަދެއް އެ ބޭފުޅުންނަށް ލިބޭތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިިކޮށް ރައީސް މުއިއްޒު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިދާޅުވީ ރިޓަޔާވެފައިވާ ފަރާތްތަކަށް ވަޒީފާތަކަށް ހަމަޖެއްސުމުން އެ ފަރާތްތަކަށް ރިޓަޔާމަންޓް އިނާޔަތް ނުލިބޭ ގޮތް ހަދަން ނިންމަވައިފައިވާ ކަމަށެވެ.
އޭގެ ފަހުން ހޯމް މިނިސްޓްރީން މިއަދު ގެޒެޓްކޮށް އަމަލުކުރަން ފެށި ފުލުހުންގެ އާ ރިޓަޔަމަންޓް ގަވައިދުގައި ބުނީ ފުލުހުންގެ ހިދުމަތުން ރިޓަޔާވުމަށް ފަހު މަގާމަކަށް އިންތިހާބުވުމުން ނުވަތަ ދައުލަތުގެ ނުވަތަ ކުންފުންޏެއްގެ މަގާމަކަށް އައުމަށް ފަހު ރިޓަޔާމަންޓްގެ ގޮތުގައި ދެމުން އައި ފައިސާ ނުލިބޭނެ ކަމަށެވެ.
ނަމަަވެސް ރިޓަޔާވުމަށް ފަހު އަދާކުރާ ވަޒީފާއިން ވަކިވުމުން ޖެހިގެން އަންނަ މަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ރިޓަޔާމަންޓް ފައިސާ ލިބޭނެކަމަށް ވެސް ގަވައިދުގައި ބުނެފައި ވެއެވެ.އާ ގަވައިދު އެކުލަވާލުމުގެ ކުރިން ރިޓަޔާކޮށްފައިވާ ފަރާތްތަކަށް އާ އުސޫލުގެ ކަންކަން ހިނގާނެކަމަށް އާ ގަވައިދުގައި ބުނެފައި ވެއެވެ.

