ޚަބަރު

ޤަވާއިދާ ޚިލާފަށް ސިނގިރޭޓު ވިއްކަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން، "ރިވެލި"ގެ ތެރެއިން ފުލުހުން ކުރަމުންދާ މަސައްކަތުގައި ހުޅުމާލޭގައި ޤަވާއިދާ ޚިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝުކޫރު ޢަލީ (44އ)އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށާއި އޭނާ ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި 3200އަށް ވުރެ ގިނަ ޔޫއެސް ޑޮލަރާއި 2900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ. އަދި އޭނާ އުޅެމުންދާ ތަން ބަލައިފާސްކުރިއިރު 32 ކާޓޫން ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!