ޝަރުތު ހަމަނުވާ 450 އަށް ވުރެ ގިނަ މީހުންގެ އަތުން ފުލެޓު އަތުލެވުނު: މިނިސްޓަރ މުއްތަލިބު
ފަހި ދިރިއުޅުން ކޯޕަަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި 4،000 ހައުސިން ޔުނިޓުގެ ހައްގުވެރިންގެ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ޝަރުތު ފުރިހަމަ ނުވާ 450 މީހެއްގެ އަތުން ފުލެޓު އަތުލެވުނު ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ފުލެޓުތައް ދިނީ ކުރީ ސަރުކާރުން ވެރިކަން ބަދަލުވާން ކުޑަތަންވެފައި ވަނިކޮށް ނެރުނު ފުލެޓު ލިބުނު މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެއިރު ހައްގުވެރިންގެ ގޮތުގައި ކަނޑައެޅި ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ފުރިހަމަނުވާ މީހުން ފިޔަވައި އެއްވެސް މީހެއްގެ އަތުން ފުލެޓު އަތުލާފައި ނުވާނެ ކަމުގައި މިނިސްޓާރ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފުލެޓު ދިނުމުގައި އަސާސީ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ އެންމެ ޝަރުތެކެވެ. އެއީ 15 އަހަރަށް ވުރެ ދިގު މުއްދަތެއް މާލޭގައި ދިރިއުޅުމެވެ. އެ ޝަރުތު ފުރިހަމަވާކަން ސާބިތުކުރުމަށް ހުށަހެޅޭނެ ލިޔެކިޔުންތައް އެއިރު ބަޔާންކުރިއެވެ.
އެހެން ނަމަވެސް މިނިސްޓަރ ވިދާޅުވީ، ފުލެޓު ލިބުނު ފަރާތްތަކުގެ ލިސްޓު ރިވިއުކުރުމުގެ ތެރެއިން އަަސާސީ ޝަރުތު ފުރިހަމަ ނުވަނީސް 450އަށް ވުރެ ގިނަ މީހުންނަށް ފުލެޓު ދީފައިވާކަން ފާހަގަކުރެވުނު ކަމަށާއި، އެ ފަރާތްތަކުގެ އަތުން ފުލެޓު އަތުލައިފައިވާނެ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރު ފުލެޓު ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދާއިރު އިތުރަށް ފޯމުތައް ރިވީއުކޮށް އަސާސީ ޝަރުތު ފުރިހަމަވާކަަން ކަށަވަރުކުރުމަށް މަސައްކަތްކުރާނެއެވެ.
ފުލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 3،879 ފަރާތަކާ އެކު މިހާރު ވަނީ އެއްބަސްވުން ހަދައިފައެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ފުލެޓު ލިބުނު ހުރިހާ އެންމެނަށް އެ ތަންތަނުގެ ތަޅުދަނޑި ހަވާލުކޮށް ނިންމުމަށެވެ.

