ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު ޢާއިލާތަކާ ހަވާލުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް ނިއުސް

"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގުރާމުގެ ދަށުން ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު ޢާއިލާތަކާ ހަވާލުކޮށްފިއެވެ.

Ads by STELCO

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން، އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ، އެކި ޙާލަތްތަކުގައި ޢާއިލާތަކުން ދަޢުލަތަށް ނެގޭ ކުދިން ބެލެހެއްޓުމުގެ ޒިންމާ، އެ ވުޒާރާއިން ފުރިހަމައަށް އަދާ ކުރަމުންދާ ކަމަށާއި ޢާއިލާތަކާއި ދުރުގައި ކުދިން ގެންގުޅުމަކީ އެކުދިންނަށް ބޭނުންވާ ތަފާތު އެކި ހުނަރުތައް މަދުވާނެ ކަމެއްކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، މިހާރު އެންމެ ބޮޑަށް ލިބޭ ހިތްހަމަޖެހުމަކީ ކުދިންނާއި ހަވާލުވާ ޢާއިލާތަކުގެ ޢަދަދު އިތުރުވަމުން ދިއުން ކަމަށެވެ. އަދި ޢާއިލާތަކުން ގެންދާ ކުދިން، އެ އާއިލާތަކުން ބަލަހައްޓަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"2023ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން، 110 ކުދިން އެކުދިންގެ އާއިލާއަށް ނޫނީ، އައު އާޢިލާތަކާއި ހަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެކަން އެބަހިނގާ. އަޅުގަނޑުމެންގެ އެދުމަކީ މި ޕްރޮގްރާމުގައި ބައިވެރިވެ ކުދިން ބެލެހެއްޓުމުގައި ވުޒާރާއާ ގުޅިގެން މަސައްކަތް ކުރުން." ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ހަމައެހެންމެ ސަރުކާރުން އިތުރު އަމާން ވެށިތައް ތަރައްޤީކޮށް ކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި މި މަސައްކަތުގެ ތެރެއިން ފ. އަތޮޅުގައި އަމާންވެއްޓެއް ޤާއިމް ކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!