މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"އަކީ ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްގީކޮށް، އެ ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ ޕްރޮގްރާމެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 11ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާޗު ސެންޓަރު ގުޅިގެން ކ. މަނިޔަފުށި ރިސާރޗް އެންޓް ޓްރެއިނިންގ ފެސިލިޓީގައި އަންނަ ޖެނުއަރީ 24ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 05ވަނަ ދުވަހަށް ކުރިއަށް ގެންދާ އެ ކޯހުގައި ބައިވެރިވެވޭނީ ޖުމްލަ 15 ފަރާތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަމައެހެންމެ 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކޯހުގެ ބައިވެރިން މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާ، ހުރުމާއި ކެއުމުގެ އިންތިޒާމް މެރިން ރިސާޗު އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

