ޚަބަރު

ސަނީއާ ގުޅޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބިއްޖެ: ފުލުހުން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސަނީ އުމަރު--

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ހުސެއިން ސަނީ އުމަރުގެ މައްސަލައިގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by MPL

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރި ކުރަމުންދިޔަ ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

ނަމަވެސް ހަމަ އެ ދުވަހު ދޫކޮށްލުމުން، ފިލައިން ރާއްޖެއިން ބޭރަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ ޖެހިގެން އައި ދުވަހު އަނެއްކާ ވެސް އޭނާ ހައްޔަރުކޮށް، 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހިއެވެ.

ސަނީގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންނާ "ދެން" އިން ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލައިގައި ކުރިއެރުންތަކެއް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ސަނީގެ އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާއިންނެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ވެސް ފަހުން އެ މައްސަލަ އޮތީ ފުލުހުންނަށް ހުށަހަޅައިފައެވެ.

އެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން ސަނީގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޓްރެވަލް ގައިސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށައިފައިވާ ކަމަށާއި ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.