ޚަބަރު

ބޭރުގެ ޙާފިޡުން ގެންނަން ވިސާއަށް އެދެން އިމިގްރޭޝަނުން ހުޅުވާލައިފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ރަމަޟާން މަހުގައި ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ބޭރުގެ ޙާފިޡުން ގެންނަން އޮންނަ އުސޫލުގެ ތެރެއިން، އަންނަ ރަމަޟާން މަހު ބޭރުގެ ޙާފިޡުން ގެނައުމަށް ވިސާއަށް އެދެން މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލައިފިއެވެ.

Ads by STELCO

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، އިސްލާމިކް މިނިސްޓްރީގެ ހުއްދައާ އެކު ޙާފިޡުން ގެނައުމަށް މިހާރު ވިސާއަށް ހުށަހެޅޭނެ ކަމަށެވެ. ވިސާއަށް އެދި ހުށަހަޅަން ޖެހޭނީ އިމުގާ ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ޕާސްޕޯޓް ޑޭޓާ ޞަފްޙާގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއެއް އަދި ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަންޖެހެއެވެ.

ރާއްޖެ ގެންނަ ޙާފިޡުންނަށް ދޫކުރާނީ 45 ދުވަހުގެ ހާއްސަ ވިސާއެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ ޙާފިޡުންނާ އެކު އާއިލީ މެންބަރުން ގެންނަ ނަމަ، އިމުގަ ޕޯޓަލް މެދުވެރިކޮށް ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އާއިލީ ފަރާތްތަކަށް ދޫކުރުމަށް ނިންމާފައި ވަނީ ޓޫރިސްޓް ވިސާއެވެ.

ޙާފިޡުން ގެނައުމުގެ ވިސާއަށް ހުޅުވާލިއިރު، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވާލުމަށާއި، ވިސާގެ ކަންކަން ގަވާއިދުގެ ތެރެއިން ބެލެހެއްޓުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.