ބަނގުރަލުގެ ވިޔަފާރިކުރާ އިންޑިއާ ގުރޫޕެއް ހައްޔަރުކޮށްފި
މާލޭގައި ބަނގުރަލުގެ ވިޔަފާރިކޮށް، އެ ބޭނުންކުރާކަމުގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ 5 މީހުންގެ ގުރޫޕެއް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރު މަހުގެ 29ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެ، މައްޗަންގޯޅީގައި ހުރި ގެއެއް ބަލައި ފާސްކޮށް، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 4 ފުޅިއާއި 5 ލިޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕެރިޔަ (44އ)، ސަރަވަނާން ސުބާއިހް (43އ)، ސިތްރިމަން ގަނިސަން (53އ)، ރަވިންދުރަ ކުމާރު (37އ)ގެ އިތުރުން ރާޖާ ރަމަލިންގަމް (47އ)އެވެ. މި އެންމެން ވެސް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

