އައުއަހަރު ވެގެންދާނީ އިތުރު ކާމިޔާބީ ލިބިގެންދާނެ އަހަރަކަށް
މި ފެށުނު 2026 ވެގެންދާނީ ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައު އަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ރައްޔިތުންނާ މުޚާތަބުކުރައްވައި ނެރުއްވި ޚިތާބުގައި އެ މަނިކުފާނު ވިދާޅުވީ ކޮންމެ އައު އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ތިމާ އުފަންވި ޤައުމަށް ޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށް ޓަކައި މަސައްކަތްކުރުމަށް ޢަޒުމް އައުކުރުމުގެ ވަގުތެއް ކަމަށެވެ. އަދި މި އަހަރަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ އަހަރަށް ވުމާ އެކު މިއީ މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ އެންމެ އެވޭލާ ތާރީޚުއްސުރެ މިއަދާ ހަމަޔަށް ފެންނާން އޮތް އެއް ޙަޤީޤަތަކީ، އެއް އަހަރަށް ވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުވޭތޯ ކާބަފައި ޒަމާނުއްސުރެ އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރަމުން ދިޔަކަމާއި ޤައުމުގެ ތަމައްދުނާއި ތަރައްޤީއަށް ޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް، ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ދިވެހީން ހިންމަތްކުރަމުން ދިޔަކަމަށެވެ.
ޚިތާބު ނިންމަވާލައްވަމުން އެ މަނިކުފާނު ވިދާޅުވީ ދިވެހި ލޮބުވެތި ރައްޔިތުން އަބަދުމެ ދެމިތިބޭނީ މި ރޫޙާއި މި ވިސްނުމުގައި ކަމަށާއި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ޤައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ޤާބިލް ދިވެހި ދަރީންތަކެއް ވެސް ބިނާކޮށްދިނުން ކަމަށެވެ.

