ޚަބަރު

ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގާނީ ދިވެހީން: އަމީން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގާނީ ދިވެހީންކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ "ދަ ހިންދޫ"އިން ރިޕޯޓްކުރި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާ ކުންފުނިތަކުން ހިންގަދޭން ދިވެހި ސަރުކާރުން އޮތީ އެދިފައެވެ. އެގޮތަށް އެދިވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހު އެ އެއާޕޯޓު ރަަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސީދާ ރައީސް މުއިއްޒުކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ދަ ހިންދޫއިން ބުނީ އެކަމާ ގުޅޭ ޕްރޮޕޯސަލްތައް ދިރާސާކުރަން  އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީއަށް ސަރުކާރުން އެދިފައިވާ ކަމަށެވެ.

ދަ ހިންދޫން އެކަން ރިޕޯޓްކޮށްފައި ވަނިކޮށް ޓްރާންސްޕޯޓް މިނިސްޓަރު އެކްސްގައި މިއަދު ވިދާޅުވީ ރާއްޖޭގައި މިހާރުވެ ހިންގާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަނީ ސިވިލް އޭވިއޭޝަންގެ ހުއްދައާ އެކު ދިވެހި އޮޕަރޭޓަރުން ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް އެއާޕޯޓުތައް ދިވެހީން އޮޕަރޭޓްކުރާ ގޮތަށް ބާއްވަން ސަރުކާރުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޖީއެމްއާރު ކުންފުންޏާ ހަވާލުކުރިއެވެ. ނަމަވެސް 2012ވަނަ އަހަރު ވަނީ އެ އެއްބަސްވުން ބާތިލުކޮށް އަލުން އެއާޕޯޓު ދިވެހި ދައުލަތަށް ނަގައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!