ޚަބަރު

ކައުންސިލް އިންތިހާބަށް ބޭނުންވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މި މަހު 11ގައި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މި މަހުގެ 11ވަނަ ދުވަހު ފެށުމަށް އިލެކްޝަން ކޮމިޝަން (އީސީ) ނިންމައިފިއެވެ.

Ads by STELCO

އޮފިޝަލުން ތަމްރީނުކުރުމުގެ ކުރިން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިންގ އޮފް ޓްރެއިނަރސް"(ޓީ.އޯ.ޓީ) ޕްރޮގުރާމު މިއަދު އީސީއިން ވަނީ ފަށައިފައެވެ.

މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)ގައި ކުރިއަށްގެންދާ މި ޕްރޮގްރާމު، މިއަދުން ފެށިގެން، މިމަހުގެ 9ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.

އީސީއިން ބުނި ގޮތުގައި މި ޓްރެއިނިންގ ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މިޓްރެއިނިންގ ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.

އީސީއިން ބުނީ މި ޓްރެއިނިންގ ޕްރޮގްރާމްގެ މަގުސަދަކީ އިންތިހާބު ކުރިއަށްދާއިރު މާލެއާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓު ނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުމާއި، އެފަރާތްތައް މަސައްކަތަށް ތައްޔާރުކުރުން ކަމަށެވެ. މިގޮތުން މި ޕްރޮގްރާމުގެ ތެރެއިން އިންތިހާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ފޯރުކޮށްދޭނެއެވެ.

އަތޮޅުތެރޭގައި ވޯޓުނަގާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް މިމަހުގެ 11ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށާއި މާލެ ސަރައްދުގައި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15ވަނަ ދުވަހުކަމަށް ވެސް އީސީއިން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!